މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މިއީ އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނުން ހޯދި ހޯދުންތަކަށްފަހު ނިންމި ނިންމުމެކެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް އެމްއެޗްއާރުގެ އެކައުންޓަށާއި، އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް އެކިފަހަރު މަތިން ޖުމްލަ 325,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. މިއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރިނަމަވެސް، ޗެކުތައް ދިން ފަރާތާއި އެއަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތް ތަހުގީގަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
މީގެއިތުރުން، އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 50,000 ޑޮލަރު، އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަބްދުއްﷲ ޒިޔާތު މެދުވެރިކޮށް އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަންވެސް ވަނީ އެނގިފައެވެ. އަދި މި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމްއެޗްއާރުގެ މެނޭޖިންގ ډިރެކްޓަރަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަހުގީގަށް ސާބިތުވާތީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކުރުމަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގެ ތެރެއިން އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކުރި 325,000 ޑޮލަރު (5,011,500 ރުފިޔާ) އާއި ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ 50,000 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް ފޮނުވުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.



