މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެއާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 1,355 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ޖަނަވަރީ މަހު (253 އެކްސިޑެންޓް) ކަމަށްވާއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހު (191 އެކްސިޑެންޓް) އެވެ. މީގެއިތުރުން މާރިޗު މަހު 236، އެޕްރީލް މަހު 232، މޭ މަހު 238 އަދި ޖޫން މަހު 205 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ކަމަށްވާ 83.25 އިންސައްތަ (1,128 އެކްސިޑެންޓް) މާލޭގައި ހިނގިއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 16.75 އިންސައްތަ (227 އެކްސިޑެންޓް) އެވެ. އަދި ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އެކްސިޑެންޓް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ ދުވާލު 901 އެކްސިޑެންޓާއި ރޭގަނޑު 454 އެކްސިޑެންޓެވެ.
މި ހާދިސާތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 31 މައްސަލައެއްގައި ސީރިއަސް އަނިޔާ އަދި 1,322 މައްސަލައެއްގައި ކުދި އަނިޔާތައް ލިބިފައިވެއެވެ. މީގެއިތުރުން 1,482 އުޅަނދަކަށް ގެއްލުން ލިބިގެން، އިންޝުއަރެންސް މެދުވެރިކޮށް 3,284,622 ރުފިޔާ ވަނީ ނަގައިދީފައެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ދުވެލި މަޑުކުރުމަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



