ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ސްރީލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯ-އޮޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ އިއްޔެ ގޮވާލައްވައިފިއެވެ.
ކޮލަމްބޯގައި ބޭއްވި "ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލް"ގެ 18 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ދެ ޤައުމުގެ ދެމެދުގައި މިހާތަނަށް ބޭނުންނުކުރެވި ހުރި ވިޔަފާރީގެ ފުރުޞަތުތައް ހޯދައި، އާ ދާއިރާތަކުން އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
މީގެއިތުރުން، މިދިޔަ އަހަރު ލަންކާއިން ރާއްޖެއަށް 132 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ރާއްޖެއިން އެތެރެކޮށްފައިވަނީ 5 މިލިއަން ޑޮލަރުގެ މުދާކަން ފާހަގަކުރައްވައި، ތާޒާ މޭވާއާއި ތަރުކާރީ، ސައިފަތް، ކަރަންޓު ސާމާނު އަދި ކާބޯތަކެތީގެ އިތުރުން ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރުމުގެ ސިނާޢަތުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރުން، ޓޫރިޒަމާއި، ހޮސްޕިޓަލިޓީ، ސަގާފީ ބޭސްވެރިކަން، ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު ލަންކާއަށް 16 ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވައި، 37,000 އަށްވުރެ ގިނަ ދިވެހިން އެޤައުމަށް ދަތުރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އިސްކަންދެނީ އިންވެސްޓަރުންނާ ރައްޓެހި މާޙައުލެއް ޤާއިމުކޮށްދިނުމަށްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ސަމަރަސިންހަ އެދިވަޑައިގެންނެވީ ބޮޑެތި ކުންފުނިތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އީޖާދީ ފިކުރުތަކަށް ބިޒްނަސް ކައުންސިލުން ދޭ ސަމާލުކަން އިތުރުކުރުމަށެވެ.



