އެމްޑީޕީގެ ސަރުކާރުތަކުގައި އިޒްރޭލާ ގުޅުން ބާއްވާ "ޕްރޯ އިޒްރޭލް" ސިޔާސަތުތައް ތަންފީޒު ކުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒު މިނިވަން ދުވަހު ތަގުރީރު ކުރެއްވީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ. އަދި ޕޯޑިއަމްގައި ދައުލަތުގެ ނިޝާން އިނުމާއި، ކުރިމަތީގައި ސިފައިންނާއި ފުލުހުންގެ ވެރިންނާއި އިއްޒަތްތެރިން ތިއްބެވި ކަން ރައީސް ހަނދުމަފުޅު ނެތް ކަމަށްވެސް ނަޝީދު ސިފަކުރެއްވިއެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ޓީވީތަކުން ފެންނަމުންދާއިރު އިޒްރޭލަށް ތާއީދު ކުރާނީ ކާކުތޯ ނަޝީދު ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން، އެމެރިކާއިން އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބާއެކު ބޭއްވުމަށް ހަމަޖެހިފައިވި ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު، ރައީސް ޕޯޑިއަމަށް ނުކުންނަވައި ދެއްކެވި ވާހަކަފުޅުތަކަށް ނަޝީދު ފާޑުވިދާޅުވިއެވެ. ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވާ ސައުދީ އަރަބިއްޔާއާއި ގަލްފުގެ ގައުމުތަކަށް ބޮން އަޅަން ގޮވާލުމަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
(ނޯޓު: މިދިޔަ މާރިޗު މަހުގެ 23 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް ކަމަށާއި، އެކުވެރި އިސްލާމީ ގައުމަކަށް ހަމަލާދިނުމަށް ރާއްޖެއިން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.)




