ރައްޔިތުންގެ މަޖިލީހަކީ "ބަކަރިކޮށްޓެއް ނުވަތަ ޖަނަވާރު ކޮށްޓެއް" ކަމަށް ބައެއް އާންމުން ސިފަކުރާ ކަމަށާއި، ރިޔާސަތުގައި އިންނަވަނިކޮށް މަޖިލިސް އެފަދަ ތަނަކަށް ވިޔަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ޕީއެންސީގެ ބައެއް މެންބަރުންނާ ދެމެދު ހިނގި ހޫނު ޒުވާބަކަށް ފަހު، މެންބަރު ފިއްޓޭގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލެއްވުމަށްފަހުއެވެ.
މިއަދުގެ ޖަލްސާގައި މެންބަރު ފިއްޓޭއާ ޕީއެންސީގެ މެންބަރުންނާ ދެމެދު ޒުވާބު ހިނގަން މެދުވެރިވީ ތިލަފުށިން ހދ. ކުނބުރުދުއަށް كުނި ގެންދަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ފިއްޓޭ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލުމުންނެވެ. އެ މައްސަލަ ބޭރުކޮށްލުމުން، ޔޫޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލުގެ ބަހުސްގައި ފިއްޓޭ ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން ތަކުރާރުކޮށް އެންގެވުމުންވެސް އަޑު މަޑުނުކުރެއްވުމުން ސަލީމް ވަނީ ފިއްޓޭގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައްވާފައެވެ.
ފިއްޓޭގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލެއްވުމަށްފަހު ސަލީމް ވިދާޅުވީ، މަޖިލީހަކީ ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ކެތްތެރިވެގެން މަސައްކަތް ކުރަންޖެހޭ ތަނެއް ކަމަށާއި މެންބަރުންނަކީ ތަސައްރަފު ފުދޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މަޖިލީހަށް ނިސްބަތްކޮށް "ބަކަރިކޮށްޓެކޭ" ވެސް އާންމުން ކިޔަމުންދާ ކަން ފާހަގަކުރައްވައި، މަޖިލީހުގެ ފެންވަރު އެ ދަރަޖައަށް ވައްޓާނުލުމަށް ސަލީމް އިލްތިމާސްކުރެއްވިއެވެ. މީގެއިތުރުން، އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ޖަނަވާރު ކޮށްޓަކަށް ހެދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ.




