މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، ހާރިސް މުހައްމަދު އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި ނިންމުން ކަށަވަރުކޮށްދީފައިވާއިރު، އެމްޓީޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނިޔާޒު ވަނީ މީގެ ފަސް ދުވަސް ކުރިން އެ މަގާމުން ވަކިކުރައްވާފައެވެ.
އަލަށް އައްޔަންކުރެއްވި ހާރިސްއަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަން، މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެކުރިން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ހާރިސް ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، އޭނާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ހާރިސްއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަންނީ ތަޖުރިބާކާރެކެވެ.



