ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފޯރުކޮށްދޭ "ސީ-ޓު-އެއާ" ކާގޯ ޚިދުމަތް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން އެހެން މަންޒިލްތަކަށް ފޮނުވައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު ކެމްބޯޑިއާ ވެގެންގޮސްފައިވަނީ މި ޚިދުމަތުގެ ތެރެއިން މުދާ ގެންނަން ފެށި 4 ވަނަ ޤައުމަށެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދޭ ގޮތުގައި، ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށް، ޤަތަރު އެއަރވޭސްއިން މިހާރު ވަނީ ވިލާތުގެ މަންޒިލްތަކަށް ފޮނުވާލާފައެވެ. މިއީ އޭޝިއާ ބައްރާއި ވިލާތު ގުޅުވާލުމަށް ރާއްޖެއިން އަދާކުރަމުންދާ ދައުރުގެ ތެރެއިން ހާސިލުވި މުހިންމު ލަނޑުދަނޑިއެކެވެ.

ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް މުދާ ގެންނަ ޤައުމުތައް:
-
އިންޑިއާ
-
ސްރީލަންކާ
-
ބަންގްލަދޭޝް
-
ކެމްބޯޑިއާ
ޚިދުމަތުގެ ކުރިއެރުން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި ޚިދުމަތް ފެށިއެވެ.އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް މި ޚިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ ގައުމަކަށްވުމުން، ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާދާއިރާއެއްގައި ދެމުންއަންނަ މި ޚިދުމަތް ފުޅާކޮށްގެން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދުމުގެ ފުރުސަތު ބޮޑެވެ.



