ނ. އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.2 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



