ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުމުގެ ސިޔާސަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ އިނާޔަތް ދޫކޮށްފިއެވެ.
ކުންފުނީގެ ރިޑަންޑަންސީ އުސޫލު އެކުލަވާލައި، މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު އިނާޔަތްތަކާއެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުން ދޫކޮށްލަންޖެހޭ ހާލަތުގައި އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލީ މުވައްޒަފުންނަށް އެކަށީގެންވާ އިނާޔަތަކާއެކު ވަކިވުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެ އުސޫލުގެ ދަށުން ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދި ލިޔުމުން ހުށަހެޅި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުންޏާއި މުވައްޒަފާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުންތަކާ އެއްގޮތަށް، އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ މިހާރު ދޫކޮށް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، ކުންފުނިން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނުވަތަ އެއްވެސް މުވައްޒަފަކަށް ގެއްލުންވާނެ ގޮތަކަށް ފެނަކައިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ ބަޔާނުގައި ވަނީ އަރުވާފައެވެ.




