ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)ގެ ހުއްދަ ނެތި އާންމު ތަންތަނާއި ފިހާރަތަކުގައި ބޭސް ވިއްކުމާއި އެތެރެކުރުން މަނާކޮށްފިއެވެ. އެމްއެފްޑީއޭއިން އާންމުކުރި ބޭހާބެހޭ އާ ގަވާއިދުގައިވާ ގޮތުން، އެ އިދާރާގެ ހުއްދަނެތި އާންމު ވިޔަފާރިކުރާ ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާތައް ހިމެނޭ ބާވަތްތައް ވިއްކުމާއި ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދުގެ ދަށުން، ރީޓެއިލް ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހޯލްސޭލްކޮށް ބޭސް ވިއްކުމާއި ބޭސް އުފުލުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި އިންސާނުން ބޭނުންކުރަން ކަމުނުދާ، ގަޑުބަޑުވެފައިވާ، ތަޣައްޔަރުވެފައިވާ، ނުވަތަ ކައުންޓަފީޓް ބޭހުގެ އިތުރުން، ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، އިޝްތިހާރުކުރުމާއި ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:
-
ނަސޭހަތްދީ، ކަންކަން އިސްލާހުކުރުމަށް މުއްދަތެއް ދިނުން
-
10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
-
ދޫކޮށްފައިވާ ހުއްދަ ދެ ހަފުތާއާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުން
-
ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓު ކުރުން
މި ގަވާއިދު އަންނަ އޮކްޓޫބަރު މަހު ތަންފީޒުކުރަން ފަށާއިރު، އާންމު ގްރޮސަރީ ފިހާރަތަކުގައި އާންމުކޮށް ރޯގާއާއި ހުން ފަދަ ބަލިތަކަށް ވިއްކަން ހުންނަ ބޭސްތައް ހުއްދައާ ނުލައި ވިއްކުން އެކީ ނިމުމަކަށް އަންނާނެއެވެ.




