މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުން، އަމީނީ މަގުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ތެރެއިން ކޯ ކަޓިން މަސައްކަތްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސާވޭ ޓީމުން ކުރިއަށް ގެންދިޔަ މި މަސައްކަތަކީ، މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ކުރެވޭ މުހިންމު ސާވޭއެކެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރުގަނޑު އުފުލި، "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ހަލާކުވެފައިވާތީ، އެ ސަރަހައްދުގައި ދުއްވުމަކީ ނުރައްކާތެރި ކަމަކަށް ވަނީ ވެފައެވެ. މިގޮތަށް ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، އާންމުން ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، މިހާރު މަގުގެ ދެ ފަރާތުން ތާރުގަނޑު ވަރަށް ބޮޑަށް އުފުލި، އެކި ގޮތްގޮތަށް ހަލާކުވެފައިވުމުގެ ސަބަބުން އެ މަގުން ދަތުރުކުރާ ގިނަ ބަޔަކަށް ވަނީ ބޮޑެތި ނުރައްކާތަކާއި ތަކުލީފުތަކާ ކުރިމަތިލާންޖެހިފައެވެ.
މާލެ ރޯޑް ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ އަމީނީ މަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، އެ މަގުތަކުގެ ފެންވަރު މަތިކުރުމެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، މާލޭގެ ބޮޑެތި މަގުތަކަކީ އާންމުންނަށާއި އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ރައްކާތެރި އަދި ލުއިފަސޭހަ މަގުތަކަކަށް ވެގެންދާނެ ކަމަށެވެ.



