ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކުން ޒުވާނަކު އިންތިޚާބުކޮށްގެން "ޒުވާނުންގެ މަޖިލިސް" ނުވަތަ ޔޫތު ޕާލަމަންޓެއް އެކުލަވައިލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޒުވާނުންގެ މަޖިލިސް އެކުލެވިގެންދާނީ ޒުވާނުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ހޮވޭ މެންބަރުންގެ މައްޗަށް ކަމަށާއި، މީގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އިއުލާނު ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 10 ޕަސެންޓު ޒުވާނުންނަށް އަދި 10 ޕަސެންޓު އަންހެނުންނަށް ޚާއްޞަކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. (މިވަގުތު މަޖިލީހުގައި ތިއްބެވީ އެންމެ 3 އަންހެން މެންބަރުންނެވެ.)
މީގެ އިތުރުން، ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި މަޝްވަރާ ދެއްވާނެ ދެ މަޖިލީހެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އުފެއްދެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އެއީ ދައުލަތުގެ އެކި ޢިއްޒަތްތައް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ "ޚާއްޞަ މަޝްވަރާ މަޖިލިސް" އަދި ތަފާތު ފަންނުތަކުގެ ތަޢުލީމީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމެނޭ "ޤައުމީ މަޖިލިސް" އެވެ.




