ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި މުހިންމު އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަމުންދާ ސަބަބުތަކާމެދު ރައްޔިތުން ފުންކޮށް ވިސްނައިލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ގައުމަކަށްވެސް މިނިވަންކަމާއި އިސްތިގުލާލުގެ ހައްގު އެއް ހަމައެއްގައި ލިބިގެންވާކަމަށާއި، ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަކީ ގައުމީ މިނިވަންކަން ނެގެހެއްޓުމުގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސަރަހައްދީ ކަންކަން ބެލެހެއްޓުމަށް ހާއްސަ އޮފީހެއް ގާއިމުކުރައްވައި، އެ އޮފީހުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސިއްރިއްޔާތުގައި، އަދި ޣައިރު ގާނޫނީ ގޮތެއްގައި ދޫކޮށްލާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ގާނޫނީ ހަމަތަކުން ބަލާއިރު ރާއްޖެއަށް ހައްގުވާ ސަރަހައްދެއް ކަމަށާއި، ގެއްލުނު ކަނޑުގެ ބައި އަނބުރާ ހޯދުމަށާއި އެކަމުގައި އިންސާފު ހޯދުމަށް މި ސަރުކާރުން މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ތާރީހީ ގޮތުން ބަލާއިރު ފޯޅަވަހި (ޗާގޯސް) އަކީ ރާއްޖޭގެ ތަނެއްކަން އެނގެން އޮތުމާއެކު، އެތަން އެއްވެސް ބަޔަކާ ހަވާލުކުރާނަމަ ހަވާލުކުރަންޖެހޭނީ ދިވެހިރާއްޖެއާ ކަމަށާއި، އެކަމުގައި ކުރަންޖެހޭ މަޝްވަރާތައް ގައުމީ ރޫހެއްގައި ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ލިބިގެންނޫނީ ރާއްޖޭގެ ސަރަހައްދާއި ކަނޑުގެ އިންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތް ހައްދަވާފައިވާ ކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، މަޖިލީހުގެ އަޣުލަބިއްޔަތު ނެތި ބޭރުގެ އެއްވެސް އަސްކަރީ ސިފައިންގެ މީހަކަށް ރާއްޖޭގައި ހަރަކާތްތެރިނުވެވޭނެ ގޮތަށް ގާނޫނުއަސާސީ ވަނީ ވަރުގަދަކުރެވިފައި ކަމަށް ވިދާޅުވިއެވެ. ރައީސް ނިންމަވާލައްވަމުން ވިދާޅުވީ، ގައުމީ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރުން އަޅުއްވާ މިފަދަ ހަރުދަނާ ފިޔަވަޅުތަކާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ ސަބަބުތަކާމެދު އެ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.



