މާލޭ ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހަވީރު 4:00 އިން ފެށިގެން އާންމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާނެކަމަށް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަލަށް ތަރައްޤީކުރި ޕާކިން ޒޯން ސަރަހައްދުގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުންނެވެ.
މަގު ފެހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ގަސްާއި ރުއް އިންދުމުގެ ހަރަކާތަކީ މާލޭގެ މަލަމައްޗަށް ތަނަވަސްކަމާއި ހިތްފަސޭހަކަން ގެނެސްދިނުމަށް ހިންގާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަގު ހުޅުވާލުމަށް ވަކި ޚާއްޞަ ރަސްމިއްޔާތެއް ނުބާއްވާނެ ކަމަށާއި، މަސައްކަތް ނިމުމާއެކު ސީދާ އާންމުންގެ ބޭނުންތަކަށް މަގު ހުޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން، މިހާރު ސާވޭގެ މަސައްކަތްތައް ކުރިއަށްދާކަންވެސް މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.




