ކ. ހިންމަފުށީގައި މާރާމާރީ ހިންގި މިސްރުގެ ދެ މީހަކު ހައްޔަރުކޮށް، އެ މީހުން ރާއްޖެއިން ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 19:24 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް، ތުހުމަތުކުރެވޭ މި ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.



