އާސަންދަ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ފާމަސީތަކުގެ ބިލްތަކަށް ކަމަށާއި، އެގޮތުން ނިމުނު އަހަރު އާސަންދަ ބަޖެޓުގެ 60 އިންސައްތަ ޚަރަދުކުރަން ޖެހުނީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނީޔާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި ފާމަސީތަކުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށެވެ. އަދި އާސަންދައިން ޕޭއައުޓް ކުރަންޖެހެނީ ހަމައެކަނި ޕްރައިވެޓް ސެކްޓަރަށް ކަމަށާއި، ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ތައިލޭންޑް އަދި ޔޫއޭއީ ހިމެނޭހެން ބޭރުގެ 57 ވަރަކަށް ހޮސްޕިޓަލާއެކު އެއްބަސްވުންތައް ހަދާފައިވަނީ ޚިދުމަތުގެ ފެންވަރާއި އަގުތަކަށް ބެލުމަށްފަހުގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު ވަނީ އިތުރުވެފައެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައިގެ އެކި ސްކީމްތަކަށް 1.18 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ދަޢުލަތުން މެޑިކަލް ވެލްފެއާއަށް ކުރި ޚަރަދު ވަނީ 30.9 އިންސައްތަ ދަށްވެފައެވެ. މިއަހަރަށް އާސަންދަ ސްކީމްތަކަށް ދަޢުލަތުން 2.02 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މެޑިކަލް ވެލްފެއާގެ ޚިދުމަތްތަކަށް 409 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރާއްޖެއަށް ބޭނުންވާ ޑޮކްޓަރީ ބޭހާއި ސިއްހީ ސާމާނު އެތެރެކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ "ސްޓޭޓް ފާމާ" ނަމުގައި އާ ކުންފުންޏެއް އުފައްދާފައެވެ. މިއީ ކުރިން އެސްޓީއޯ އިން ކުރަމުން އައި ބޭހުގެ ވިޔަފާރި އެއްކޮށް ބަދަލުކޮށް، މި އަހަރުގެ ޖުލައި މަހުން ފެށިގެން ހުރިހާ ސަރުކާރު ބޭސްފިހާރަތަކެއް ހިންގަމުން އަންނަ މައި ކުންފުންޏެވެ. ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އާސަންދަ ކޮމްޕެނީ އުފެއްދީ 2011 ވަނަ އަހަރުގައެވެ.



