ހުޅުމާލޭގައި މިހާރު ބިނާކުރަމުންދާ ދާއިމީ މިސްކިތްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި ހުޅުވުމަށް އަމާޒުހިފާފައިވާ ކަމަށާއި، އެއާއެކު އެ އަވަށުގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭނެ ކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫއުތައް އަވަހަށް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހުޅުމާލޭގައި ކުރިއަށްދާ ދާއިމީ މިސްކިތްތަކުގެ މަސައްކަތްތައް އަވަސްކުރުމަށް ބާރަށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށްއޮތް ރޯދަމަހުގެ ކުރިން އިސްލާމީ ދާއިރާގެ 16 މިސްކިތަކާއި، ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ 2 ގޮފީގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު ވަގުފު މަޝްރޫއުތަކުގެ ތެރެއިންވެސް ބައެއް މަޝްރޫއުތައް ނިމިގެންދާނެ ކަމަށް ޑރ. ޝަހީމް އިތުރަށް ވިދާޅުވިއެވެ.



