ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް 10 މީހަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، މި މަހުގެ 8 ވަނަ ދުވަހުއެވެ.
މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ގދ. މަޑަވެލި ވަލުގެ ހޫދު މުޙައްމަދާއި، ރ. މަޑުއްވަރީ ސީފިޔާގެ އަޙްމަދު ރިފްޢަތާއި، ދ. މާއެނބޫދޫ މަލާޒް އާދަމް ޝަމީމުގެ އިތުރުން މާލޭ މ. ޒޭވަރު އާމިނަތު ނަޝްމީ ފަޟީލެވެ. އަދި ސ. ހިތަދޫ އަސްރަފީވިލާ ޢާއިޝަތު ޙިކްމާއާއި، މާލޭ މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، މ. ރަތްމަންދޫ ނައިޓްރޯސް މުޙައްމަދު ނިޔާޒުގެ އިތުރުން މާލޭ މ. މެދުރިޔާ މަރްޔަމް ޝަހާނާއާއި، މާލޭ މ. ތާޖް މަރްޔަމް ނިހާޔަތު އަދި ފ. ނިލަންދޫ ބީޗްސައިޑް ޝަފީޤާ ނަޢީމްވެސް މި މަޤާމަށް ވަނީ ކުރިމަތިލައްވާފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވުމާއެކު، އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް، އެއިން ދާއިރާއަކުން މަދުވެގެން 10 އަހަރުගේ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ޙަރަކާތްތެރިޔަކު ކަމުގައި ނުވުމުގެ އިތުރުން، ޖިނާއީ ބޮޑެތި ކުށްތަކާއި ބަދުއަޚްލާޤީ ޢަމަލުތަކުގެ ކުށުގެ ރެކޯޑެއް ނެތް މީހަކަށް ވާންޖެހޭނެއެވެ.
އިޢުލާނުގައިވާ ގޮތުން މި މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާއި، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލެވެންސްގެ ގޮތުގައި 2،000 ރުފިޔާއާއެކު ޖުމްލަ 59،235 ރުފިޔާ މަހަކު ލިބޭނެއެވެ.




