ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޗަމްބޭލީ މަގުގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) ގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ۔
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 3:47 އެހައިކަންހާއިރުއެވެ۔ މި ހާދިސާގައި މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ބިއްލޫރިގަނޑު ދެ ތަނަކުން ތަޅައިގެން ގޮސް، ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ۔
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ۔ ނަމަވެސް، ހާދިސާ ހިންގި ގޮތާއިި، މިއަމަލު ހިންގި ފަރާތް ދެނެގަތުމަށްޓަކައި ފުލުހުން ދަނީ އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ۔
ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ އިތުރުން ރަށްރަށުގެ މިސްކިތްތަކަށް ގެއްލުންދިނުމާއި، މިސްކިތްތަކުން ތަކެތި ވައްކަންކުރުމުގެ ހާދިސާތައް އިތުރުވަމުންދާތީ، އެކަމާ ގުޅިގެން އާންމުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ۔



