މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި 22 ސްކޮލަޝިޕެއްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާއި ޝަރީޢާގެ ރޮނގުން ފަސް ފުރުސަތަކާއި، ނެޗުރަލް ސައިންސާއި ހިސާބު އަދި ތަފާސްހިސާބުގެ ރޮނގުން 17 ފުރުސަތެކެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރުވެފައި ނުވުން ހިމެނެއެވެ. އަދި މިނިސްޓްރީ މެދުވެރިވެގެން ކިޔަވަން ލޯނު ނަގާފައިވާ ފަރާތެއްނަމަ، އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވަންޖެހޭނެއެވެ.
މީގެ އިތުރުން ފޯމާއެކު އެމްކިއުއޭގެ ތައްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއާއި، އެންމެ ފަހުން ކިޔެވި ސްކޫލުން ދޫކޮށްފައިވާ ގުޑް ކޮންޑަކްޓް ސެޓްފިކެޓުގެ ކޮޕީގެ އިތުރުން، އެޗްއައިވީ، އެއިޑްސް އަދި ޓީބީ ޓެސްޓު ހިމެނޭ ގޮތަށް ހަދާފައިވާ މެޑިކަލް ރިޕޯޓެއް ހުށަހަޅަންޖެހޭނެއެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހެޅުން ކުރިއަށްދާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު 1:30 އެވެ. އަދި ހުށަހަޅަންޖެހޭ ގަނޑުކޮޕީތައް އެ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.



