ރާއްޖޭގައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ވަނީ ފަށާފައެވެ.
ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް މައްސަލައަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ފަންނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ދިމާވާ ބޭހުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ދުރާލައި އާބާދީއަށް ބޭނުންވާ މިންވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓްފާމާއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދުރާލާ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރުމަށް ވަނީ ރޭވިފައެވެ.
ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. އެސްޓީއޯގެ ދަށުން ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް ފަށާފައެވެ.
"ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް އެތެރެކުރާނެ." ޑރ. ޝާހު މާހިރު




