މާލޭ އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މަރުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހަމްދޫންގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ އާގިލްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވުމާ ގުޅިގެންނެވެ. އާގިލް މަރާލާފައިވަނީ 31 އޮގަސްޓް 2018 ގައި ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް އޭނާ ފޭބި ވަގުތު ވަޅިން ހަމަލާދީގެންނެވެ.
ދަށު ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި އާގިލްގެ ފަހަތުން ވަޅިއެއް ހިފައިގެން ހަމްދޫން ދުވެފައިދާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަން ހުރިއިރު، އޭނާ އާގިލްގެ މެޔަށް ހަމަލާދިނީ ގަސްދުގައި މަރާލުމުގެ ނިޔަތުގައެވެ. މި މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިތުރު މީހެއްގެ މައްޗަށް ކުރި ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހަމްދޫން ފިޔަވައި އެހެން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެގޮތުން ކުށް ސާބިތުވީ ހަމައެކަނި ހަމްދޫންގެ މައްޗަށް ކަމަށްވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށްދިނުމަށް އެދި މިހާރު ވަނީ މަތީ މަރުހަލާގެ ކޯޓަށް ހުށަހަޅާފައެވެ. ދިވެހިރާއްޖޭގެ ގާނޫނުތައް ބަޔާންކުރާ ގޮތުން މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ އިސްތިއުނާފީ ހުރިހާ މަރުހަލާތަކެއް ފުރިހަމަވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ. އެހެންކަމުން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ފަރާތުން އިސްތިއުނާފު ނުކުރި ނަމަވެސް، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން ވެސް އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ޖެހެއެވެ.


