ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދިޔަ 12،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ ރަސްމީ ވެބްސައިޓުގައި އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 އިގެ ނިޔަލަށް ޖުމްލަ 12،552 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި ފޮނުވާލެވުނު މީހުންގެ ތެރޭގައި ޤާނޫނީ ގޮތުން ޑީޕޯޓުކޮށްފައިވާ މީހުންނާއި އެ ނޫން ވެސް އެކި ގޮތްގޮތަށް ފޮނުވާލި މީހުން ހިމެނެއެވެ. މީގެ ތެރެއިން ޑީޕޯޓުކުރި މީހުންގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުން ދިޔަ މީހުންނާއި، ލިޔެކިޔުންތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަން އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓްރީން ފާހަގަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެ ނަމަ، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ސީދާ ޑީޕޯޓުކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީގެ އަމާޒަކީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ.
ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ، އޭގެ މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް ބާރުއެޅުމުގެ ގޮތުން މިހާރު ވަނީ އެ ފަރާތްތަކަށް އެކަން އަންގާފައެވެ. އަދި މިހާރު ފީ ނުދެއްކި ތިބި މީހުން ވެސް ހިމެނޭ ގޮތަށް، ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަކަށް މި މަރުހަލާގެ ތެރެއިން ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމުގެ ފުރުސަތު ކުރިން ފަހިކޮށްދީފައިވާކަން އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.



