އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ސީނު މަރަދޫ، އާލް، އަހުމަދު ހާރިޝް އެވެ. އުމުރުން ބައްތިރީސް އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގެ އިތުރުން ވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއް ގަމު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ އެކި ހިސާބުތަކެކޭ އެއްފަދައިން އައްޑޫ ސިޓީގައި ވެސް ކުދި ވައްކަންތައް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.




