ދިވެހި ތަރިކައަށް ޚާއްސަވެފައިވާ ސިފަތައް ދެނެގަތުމަށާއި، މި ދާއިރާއިން އިލްމީ އަދި ގާބިލު ދިރާސާވެރިން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް" ގެ އާ ބުރަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.
މިއީ ދިވެހި ތަރިކައިގެ ދާއިރާއިން އައު އިލްމު އުފައްދައި، މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ ތަރިކަވެރިންތަކެއް އުފެއްދުމުގެ މާތް މަގްސަދުގައި ކުރިއަށްގެންދާ ހާއްސަ މަޝްރޫއެކެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ފުރިހަމައަށް ސްޕޮންސަރުކޮށްގެން ކުރިއަށްގެންދާ މި ސްކޮލާޝިޕަކީ ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) މެދުވެރިކޮށް މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މި ފުރުސަތުގެ ދަށުން ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އައިޔޫއެމްގެ "މާސްޓާ އިން ރިސާޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ލިބިގެންދާނެއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގެ ތެރެއިން، ބައިވެރިންނަށް މަރުކަޒުން ސްޕޮންސަކުރާ ހާއްސަ ރިސާޗް މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއީ މި ސްކޮލާޝިޕް ހުޅުވާލި ދެވަނަ ފަހަރު ކަމަށްވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް މި ސްކޮލާޝިޕްގެ ދަށުން 40 ފަރާތަކަށް ވަނީ މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ސަރުކާރުން އުންމީދު ކުރަނީ މި ފުރުސަތުގެ ސަބަބުން ރާއްޖޭގެ ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، އެ ތަކެތީގެ އިލްމީ ދިރާސާތައް ކުރާނެ ގާބިލު ދިވެހިން އިތުރުވެގެންދާނެ ކަމަށެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ހާއްސަ އޮންލައިން ލިންކު މެދުވެރިކޮށެވެ



