މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި މި އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް ދައުލަތުގެ އެއްވެސް ޝަރަފުގެ އިނާމެއް ލިބިވަޑައިގެންފައިނުވާ ބޭފުޅުންނަށެވެ. މިއީ އެ ބޭފުޅުންގެ ޚިދުމަތުގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ކޮމިޓީން އެ މަޢުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން، ވަކި މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވަމުން ގެންދަވައެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވަނީ މި އިނާމު އަރުވައިފައެވެ.
މީގެ އިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލެއްވި ފުރުޞަތުގައި، ނަން ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ޖުމްލަ 130 ފޯމު ވަނީ ހުށަހަޅާފައެވެ. ޢާންމުކޮށް ހުޅުވާލައިގެން ހުށަހެޅި މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ދިރާސާކޮށް އިންޓަރވިޔު ކުރެއްވުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.




