ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" މެދުވެރިކޮށް ބައިނަލްއަޤުވާމީ އެކައުންޓް ހުޅުވޭ "އިންޓަރނޭޝަނަލް އެކައުންޓް" ފީޗަރ މިއަދު ދައްކާލައިފިއެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހި ކަސްޓަމަރުންނަށް ބޭރު ޤައުމުތަކުގެ ބޭންކުތަކުން ފަސޭހަކަމާއެކު ފައިސާ ލިބިގަތުމުގެ މަގު ހުޅުވިގެންދާނެއެވެ.
މި އާ ފީޗަރގެ ދަށުން ކަސްޓަމަރުންނަށް ޑޮލަރު، ޔޫރޯ، އަދި ޕައުންޑް އިން އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު ހިމެނޭ އެކައުންޓެއް ހުޅުވޭނެއެވެ. ބޭރުން ފޮނުވާ ފައިސާ ޓްރާންސްފަރ ފުރިހަމަވުމާއެކު ވަގުތުން ސްވައިޕް އެކައުންޓަށް ޖަމާވާއިރު، ސްވައިޕް މެދުވެރިކޮށް ކުރާ ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެއެވެ.
"މި ފީޗަރއާއެކު ކަސްޓަމަރުންނަށް މިހާރު މުޅިން އެހެން ގައުމެއްގައި ރަސްމީ ބޭންކް އެކައުންޓެއް ހުޅުވޭނެ. މީގެ ސަބަބުން، ސްވައިޕް އަކީ ޑިޖިޓަލް މުޢާމަލާތްތަކަށް ބޭނުންކުރެވޭ ފުރިހަމަ އަދި ޝާމިލު ވަސީލަތެއްގެ ގޮތުގައި ހަރުދަނާވެ، މުޅި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި އީޖާދީ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ހިތްވަރު ލިބިގެންދާނެ." މުހައްމަދު ޝަރީފް (ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ)
މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި ސްވައިޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 20،000 އަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ 3،300 އަށްވުރެ ގިނަ ވިޔަފާރިތަކުން މިހާރު ވެސް ދަނީ ސްވައިޕް މެދުވެރިކޮށް ފައިސާ ބަލައިގަންނަމުންނެވެ. މި އާ ފީޗަރގެ ސަބަބުން ރާއްޖޭގެ ފްރީލާންސަރުންނަށާއި، ބޭރުގެ އެކި ފަރާތްތަކާއެކު މުއާމަލާތްތައް ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފަސޭހައަކާއި ލުޔެއް ލިބިގެންދާނެއެވެ.




