ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ބަހައްޓާ މަރުކަޒު ނުވަތަ ޖޭޖޭ ޔުނިޓްގައި ތިބި ކުދިންތަކެއް ރަށު ތެރެއަށް ނިކުމެ، މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ޖޭޖޭ ޔުނިޓްގައި ތިބި ކުދިންތަކެއް ރަށު ތެރެއަށް ނިކުމެ ދުވަސްވީ މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު ފަޅު ގެއަކަށް އެއްލާލި މައްސަލައަކާ ގުޅިގެން އެރަށުގެ އާންމު މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، ނުތަނަވަސްކަން ވަނީ އުފެދިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުދިންތައް މަރުކަޒުން ބޭރަށް ނިކުމެ ހަމަލާ ދީފައިވަނީ އެރަށު ގޮނޑުދޮށުގައި މަސް ބާނަން ހުރި ދުވަސްވީ މީހަކަށެވެ.
ގޮނޑުދޮށުން އެ ބޭބެ ރަހީނުކޮށްގެން ގެންގޮސް، ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކުރުމަށްފަހު އެ ކުދިން އޭނާ އެއްލާލާފައިވަނީ ރަށު ތެރޭގައި ހުރި ފަޅު ގެއަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ރަށުގެ ސިއްހީ މަރުކަޒުން މިހާރު ދަނީ ފަރުވާދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ހޯރަފުށީގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމަކާއި ނުރުހުމެއް ވަނީ އުފެދިފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެ، އެ މަރުކަޒުގައި ތިބޭ ކުދިންގެ ސަބަބުން ރަށުގެ އަމާންކަން ގެއްލި، އާންމުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ބުނެ ދަނީ އަޑުއުފުލަމުންނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.




