މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ) އިން އިންތިޒާމުކުރާ ޚާއްޞަ ދުވުން "މިނިވަން ރަން" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އެ ވުޒާރާގެ އިސްވަރު ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ހަރަކާތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ ހީނާ ވަލީދެވެ.
މި މަހުގެ 27 ވާ ޖުލައި ބުދަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށްގެންދިއުމަށްޓަކައި، ދުވުމުގެ ހަރަކާތްތައް ރާވައި ހިންގުމުގައި ފާހަގަކޮށްލެވޭ ޖަމްޢިއްޔާއެއް ކަމަށްވާ "ވީރަން މޯލްޑިވްސް" އާއެކު މިހާރު ވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރ އަހުމަދު މުނާޒު ސޮއިކުރެއްވިއިރު، ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ މެނޭޖަރ ހައްވާ ނީލާއެވެ.

"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ހަރަކާތެކެވެ. މި ދުވުމުގެ މައިގަނޑު މަޤްޞަދަކީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް ރައްޔިތުންނަށް ބާރުއެޅުމެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި "ވީރަން އެޕް" ވެސް ތަޢާރަފުކޮށްފައިވާއިރު، ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.




