މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، މިފްކޯއަށް މަސްގަތުމަށް ދައުލަތުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދިނުމުގެ ބަދަލުގައި، މިހާރު ސަރުކާރުގެ އަމާޒަކީ މަހަށް އަގު އެއްކޮށްގެން (ވެލިއު އެޑްކޮށްގެން) ބޭރުގެ މާކެޓްތަކަށް ފޮނުވުން ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމާ ގުޅިގެން، ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން ދައުލަތުން އަހަރަކު ބިލިއަނުން ސަބްސިޑީ ދޭންޖެހުނެވެ. ނަމަވެސް، ވޭތުވެދިޔަ 40 އަހަރު ފެލިވަރު ފެކްޓްރީ ފިޔަވައި ރާއްޖޭގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރަން އެދެވޭ މަސައްކަތްތަކެއް ކުރީގެ ސަރުކާރުތަކުން ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއެކު، ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވޭ އައު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް ޤާއިމުކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ކާރުޚާނާގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތައް ވެސް ހިމަނައިގެން، ވަށައިޖެހޭ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމެވެ.




