ރާއްޖެއާއި އިންޑިއާއާއި ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުން ކަމަށެވެ.
މި މަޝްވަރާތަކުގެ ތެރޭގައި މައިގަނޑު 12 ދާއިރާއެއް ހިމެނޭއިރު، ރާއްޖޭގެ އަމިއްލަ 65 ފަރާތަކާއެކު ޖުމްލަ 102 ފަރާތަކާ މިހާތަނަށް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން ޚިދުމަތްތަކާއި، މުދަލުގެ ވިޔަފާރީގެ އިތުރުން ޓެކްނިކަލް ބެރިއާސްތަކާއި އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ދުނިޔޭގެ އެހެން މާކެޓްތަކާ ގުޅި، އެކްސްޕޯޓް ކުރެވޭނެ އައު ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންގެ ވިސްނުންތަކާއި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އިންޑިއާއާއެކު ވެވޭ އެއްބަސްވުމަކީ އެ މަގަށް އެޅޭ ބާރެއް ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. މީގެ އިތުރުން، ވަކި ބާވަތްތަކަކުން ލުއިތައް ލިބޭ ގޮތަށް ތުރުކީވިލާތާއެކު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރަމުންނެވެ.



