ރާއްޖޭގައި ލައިސަންސް ނަގައިގެން ރަސްމީކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ޖުމްލަ އަދަދު 502 އަށް އަރާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރޭގައި ކަޅުބިލަމަހާއި، ކަންނެލި އަދި މަސްވެރިކަމުގެ އެހެނިހެން ބާވަތްތަކުގެ ލައިސަންސް ނަގައިގެން މަސައްކަތް ކުރަމުންދާ އުޅަނދުތައް ހިމެނެއެވެ.
މަސްވެރިކަމުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ކަނޑުމަހުގެ މަސްވެރިކަމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކެވެ. އެއީ ޖުމްލަ 460 އުޅަނދެވެ. މީގެ ތެރެއިން ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގައި 441 އުޅަނދު ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ފާނައަށް 27 އުޅަނދު، ފަރުމަހަށް 10 އުޅަނދު، ހުއިފިލަނޑާއަށް 4 އުޅަނދު އަދި އެކުއޭރިއަމް މަހުގެ މަސްވެރިކަމަށް 1 އުޅަނދަށް ވަނީ ލައިސަންސް ދޫކޮށްފައެވެ.
ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ކަޅުބިލަމަހުގެ މަސްވެރިކަމަށް ނުކުތް އުޅަނދުތަކުގެ އަދަދު ވަނީ 59 އަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 191 އުޅަނދަކުން ލައިސަންސް އައު ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 250 އަށް މަތިވެފައެވެ.
މި ހިސާބުތަކުން ދައްކާގޮތުގައި މަސްވެރި ދޯނިފަހަރު ބަނުމަށް ބޭނުންކުރާ ސާމާނަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުރިން ބޭނުންކުރި ލަކުޑި ދޯނިފަހަރުގެ އަދަދު 114 އަށް މަދުވެފައިވާއިރު، ފައިބަރުން ބަނދެފައިވާ ޒަމާނީ އުޅަނދުތަކުގެ އަދަދު ވަނީ 387 އަށް އިތުރުވެފައެވެ.
މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 90 އަށްވުރެ ގިނަ މަސްވެރިންނަށް މިހާތަނަށް ލޯނު ދޫކޮށްފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް، ކަނޑުފަޅުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސްޕޯޓްސް ފިޝިން (މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން) ތަރައްޤީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މުޅިން އައު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރއާއި އެކުއަކަލްޗަރ (ފަޅާއި ކަނޑުގެ ދިރުންތައް އާލާކޮށްގެން ނަފާހޯދުން) ތަރައްޤީ ކުރުމުގެ ގިނަ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.




