ރާއްޖޭގެ ފަހުގެ ތާރީޚެއްގައި އާންމު ރައްޔިތުންނަށް މިހާ ފަސޭހައިން ޑޮލަރު ލިބޭ ދުވަސްވަރެއް އައިސްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
'އެމްއެމްޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަލާޙް ވަނީ އިދިކޮޅު އެމްޑީޕީން "ޑޮލަރެއްނެތް" ނަމުގައި ބާއްވަން އުޅޭ ޕެނަލް ޑިސްކަޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ހަޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އާންމުންނަށް ޑޮލަރު ލިބުމުގައި ހުރި ފަސޭހަތަކަށް އަލިއަޅުވާލައްވަމުން ފަލާޙް ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ބޭންކު ރޭޓުގައި އެއްހާސް ޑޮލަރު ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގައި ކިޔަވާ ކުދިންނަށާއި ހައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ދިވެހިންނަށްވެސް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ވިސާ ކާޑާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން ބޭންކު ރޭޓުގައި ދެތިން ހަތަރު ކާޑަކުން ޖުމުލަ ދެތިން ހަތަރު ހާސް ޑޮލަރު ބޭނުންކުރެވޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި މިއަދަށްވުރެ ދިވެހި އާންމު ރައްޔިތުންނަށް ޑޮލަރު ފަސޭހައިން ލިބޭ ދުވަހެއް މި ފަހުގެ ތާރީޚެއްގައި ނުފެނޭ." ފަލާހު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ރައްދުދެއްވަމުން ފަލާޙް ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގުބޮޑުވާން މެދުވެރިވީ ރައީސް ޞާލިޙްގެ ސަރުކާރުން އަށް ބިލިއަން ޑޮލަރު ޗާޕުކުރުމުގެ ސަބަބުން ކަމަށެވެ. އަދި 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސްޑީއެފް) 200 މިލިއަން ޑޮލަރު ހުރި ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ ފަންޑުގައި ބާކީ އޮތީ އެންމެ ދެ މިލިއަން ޑޮލަރުކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ޤައުމު ހިންގަން ނޭނގުމުން ކަމަށާއި، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކުރިއިރު ޤައުމަށް އާމްދަނީ ލިބޭނެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.



