މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖޫން މަހުގެ ތެރޭގައި ޑޮލަރުން ބަލައިގަތް އާމްދަނީ 118.6 މިލިޔަން އެމެރިކާ ޑޮލަރަށް ($118,599,425) އަރާފައިވާ ކަމަށް އެ އިދާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 117.6 މިލިޔަން ޑޮލަރާ ($117,677,311) އަޅާބަލާއިރު 0.85 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން މަހު ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުއްޔާއި އެކި ބާވަތްތަކުގެ ޓެކްސް އަދި ފީތަކުންނެވެ.
ޖޫން މަހުގެ ތެރޭގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގޮތުގައެވެ. އެއީ ޖުމުލަ 41 މިލިޔަން ޑޮލަރެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 27 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 19 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 10 މިލިޔަން ޑޮލަރު ލިބިފައިވާ އިރު، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 9 މިލިޔަން ޑޮލަރު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައިވެސް 9 މިލިޔަން ޑޮލަރު މީރާއަށް ވަނީ ބަލައިގަނެފައެވެ.
މިއަހަރުގެ މިހާތަނަށް މީރާއަށް ޑޮލަރުން ލިބުނު ޖުމުލަ އާމްދަނީ ވަނީ 867.9 މިލިޔަން ޑޮލަރަށް ($867,947,926) އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މީރާއިން ބަލައިގަތް 749.3 މިލިޔަން ޑޮލަރާ އަޅާބަލާއިރު 9.67 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު ޖުމުލަ އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 37 އިންސައްތަ ގެ ބޮޑު ކުރިއެރުމެކެވެ.




