ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުކުރި ފައިސާގެ 99 އިންސައްތަ މިހާރު ވަނީ ޚަރަދުކޮށް ނިމިފައެވެ. ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، އަހަރުގެ 26 ވަނަ ހަފުތާގެ ނިޔަލަށް ސަބްސިޑީތަކަށް 2,868 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެހެންކަމުން މިއަހަރަށް ކަނޑައެޅި 2,890 މިލިއަން ރުފިޔާގެ ބަޖެޓުން މިހާރު ބާކީ އޮތީ އެންމެ 21.7 މިލިއަން ރުފިޔާއެވެ.
ބަޖެޓު ކުރި މިންވަރަށް ވުރެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔައީ އިރާނު ހަނގުރާމައާ ގުޅިގެން ފިއުލް ސަބްސިޑީއާއި ކަރަންޓު ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދު އަންދާޒާއަށް ވުރެ މަތިވުމުންނެވެ. ނަމަވެސް ފިނޭންސްގެ ރިޕޯޓުގައި ވަކިވަކި ސަބްސިޑީތަކަށް ހިނގި ޚަރަދުތައް ތަފްސީލުކޮށްފައި ނުވާތީ، ކޮންމެ ދާއިރާއަކަށް އުނިވި މިންވަރެއް ސާފެއް ނުވެއެވެ.
މިއީ މިފަހުގެ އަހަރުތަކުގައި ތަކުރާރުވަމުންދާ އާންމު މައްސަލައަކަށް ވާއިރު، ބަޖެޓުގެ އެހެން ދާއިރާތަކުން ފައިސާ އުނިކޮށް ސަބްސިޑީއަށް ޚަރަދުކުރަން މަޖުބޫރުވަނީ ސަބްސިޑީގެ އިސްރާފު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުތައް ނުކުޅެދުމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވެސް ސަބްސިޑީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދޭ ގޮތަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅު އަޅާފައެއް ނުވެއެވެ.
މި ސަރުކާރުން ވެސް ސަބްސިޑީ ޓާގެޓުކުރުމާއި އާސަންދަ ރިފޯމްކޮށްގެން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނުމަށް ފަހު، ރައީސް ޑރ. މހައްމަދު މުއިއްޒު ވަނީ އަހަރުގެ ކުރީކޮޅު އެ ރިފޯމްތައް ތަންފީޒު ނުކުރަން ނިންމެވިކަން އިއުލާންކުރައްވާފައެވެ.
ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ން ވަނީ ލަފާ ދީފައެވެ. އޭޑީބީގެ އެނެލިސްޓުން ވިދާޅުވާ ގޮތުގައި، އިޔާދަނުކުރެވޭ ތެލަށް ދޭ ސަބްސިޑީ މަދުކުރުމަކީ އިގުތިސާދީ ވިލުންތެރިކަން އިތުރުކޮށް، ކުއްލިއަކަށް ތެލުގެ އަގު އުފުލޭ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށް އެޅޭނެ ފިޔަވަޅެކެވެ. ހަމައެއާއެކު، އެއީ ތެޔޮ ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެނެލިސްޓުން ވަނީ ފާހަގަކޮށްފައެވެ.
އެ އިދާރާއިން ލަފާ ދެނީ، އިގުތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދިނުމަށް، އެފަދަ އެހީ އެންމެ ބޭނުންވާ ގޭބިސީތައް ފާހަގަކޮށް ލުއިތައް ދިނުމަށެވެ. އެގޮތުން އެ ގޭބިސީތަކަށް ފައިސާ ދިނުމާއި، ސީދާ އެހީތެރިކަން ފޯރުކޮށްދޭނެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުތައް ވަރުގަދަކުރުން ހިމެނެއެވެ.



