ބޫޓާންގެ ތިމްޕޫގައި ބޭއްވި 16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު އެނބުރި ޤައުމަށް އައި ދިވެހި ބޮޑީބިލްޑިންގ ޓީމަށް މަރުޙަބާ ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޤައުމީ ޓީމަށް މަރުޙަބާ ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޢާމިރުއެވެ. ޖޫން 30 އިން ޖުލައި 5 އަށް ކުރިއަށްދިޔަ މި ސަރަޙައްދީ ބޮޑު މުބާރާތުގައި ދިވެހި އެތުލީޓުން ވަނީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދީ، ޖުމްލަ 3 މެޑަލް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދީ ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އަޒްނީން ރަޝާދުއެވެ. އޭނާ ވަނީ މެންސް އެތުލެޓިކް ފިޒީކް (167 ސެންޓިމީޓަރު + 4 ކިލޯގްރާމް) ކެޓަގަރީއިން ރަން މެޑަލް ހޯދުމުގެ އިތުރުން ސައުތު އޭޝިއަން ޗެމްޕިއަންކަން ވެސް ދިފާޢުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގެ އަޙްމަދު ނަޢީމް ވަނީ މެންސް ސްޕޯޓްސް ފިޒީކް (170 ސެންޓިމީޓަރު - 2 ކިލޯގްރާމް) ކެޓަގަރީއިން ރިހި މެޑަލް ހޯދާފައެވެ. އަދި ޢަލީ މަބްރޫކް ލަޠީފް ވެސް ވަނީ މެންސް ސްޕޯޓްސް ފިޒީކް (175 ސެންޓިމީޓަރު) ކެޓަގަރީއިން ވާދަކޮށް ރާއްޖެއަށް އިތުރު ރިހި މެޑަލްއެއް ކާމިޔާބުކޮށްދީފައެވެ.
ޓީމަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހީމް ޢާމިރު ވަނީ އެތުލީޓުން ދެއްކި މޮޅު ހިތްވަރަށް ތަޢުރީފުކުރައްވައި، ބޮޑީބިލްޑިންގ އެސޯސިއޭޝަނަށާއި ޓީމަށް ސަރުކާރުގެ ފަރާތުން މަރުޙަބާ ވިދާޅުވެފައެވެ. ސަރަޙައްދީ ސްޓޭޖުގައި ރާއްޖޭގެ ބޮޑީބިލްޑަރުން ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ބޮޑީބިލްޑިންގ ދާއިރާއިން ހޯދަމުން އަންނަ ރަންވަނަތަކަށް އިތުރުވި މުހިންމު ކުރިއެރުމެކެވެ.




