ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ހދ. އަތޮޅުގައި ޖުމްލަ 102 ކައިވެނި ވަނީ ކޮށްފައެވެ. ކައިވެނީގެ އަދަދާ ގާތްކުރާ މިންވަރަކަށް ވަރީގެ އަދަދުތައް ހުރިއިރު، އެ މުއްދަތުގައި އެ އަތޮޅުން 90 ވަރި ރެކޯޑުކުރެވިފައިވާ ކަމަށް ކޯޓުގެ ހިސާބުތަކުން ދައްކައެވެ. ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ނިސްބަތުން ވަރި އެންމެ ގިނަ ގައުމެވެ.
އަތޮޅުގެ ރަށްރަށަށް ބަލާއިރު އެންމެ ގިނައިން ކައިވެނި ކޮށްފައިވަނީ އާބާދީގެ ގޮތުން އެންމެ ބޮޑު ކުޅުދުއްފުށި ސިޓީގައެވެ. އެ ސިޓީގައި 54 ކައިވެނި ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ކައިވެނި ކުރި ހދ. ނޮޅިވަރަމުގައި 8 ކައިވެނި ކޮށްފައިވާއިރު، ނޮޅިވަރަންފަރުގައި 7 ކައިވެނި ވަނީ ކޮށްފައެވެ.
މީގެ އިތުރުން ވައިކަރަދޫ، މަކުނުދޫ އަދި ހަނިމާދޫ، މިއިން ކޮންމެ ރަށެއްގައި 6 ކައިވެނި ފާއިތުވި ހަ މަސްދުވަހު ވަނީ ކޮށްފައެވެ. ނޭކުރެންދޫ، ހިރިމަރަދޫ، ފިނޭ އަދި ނެއްލައިދޫ، މިއިން ކޮންމެ ރަށެއްގައި 3 ކައިވެނި ކޮށްފައިވާއިރު، ނައިވަދޫ، ކުރިނބި އަދި ކުމުންދޫގައި ކޮށްފައިވަނީ އެންމެ ކައިވެންޏެކެވެ.
ވަރީގެ ހިސާބުތަކަށް ބަލާއިރުވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުޅުދުއްފުށި ސިޓީއެވެ. އެ ރަށުގައި އެކަނިވެސް ފާއިތުވި ހަ މަސްދުވަހު 49 ވަރި ކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި އޮތް ހަނިމާދޫގައި 11 ވަރި ކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި އެއްވެސް ވަރިއެއް ކޮށްފައެއް ނުވެއެވެ. އެގޮތުން ނެއްލައިދޫ، ހިރިމަރަދޫ އަދި ނޭކުރެންދޫގައި ފާއިތުވި ހަ މަސްދުވަހު އެއްވެސް ވަރިއެއް ކޮށްފައިނުވާކަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ތަފާސްހިސާބުތަކުން އެނގެއެވެ.



