ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މެރިން ޕޮލިހުން މައުލޫމާތު ބުނީ މިރޭ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މި ހާދިސާ ހިނގާފައި ވަނީ މިރޭ 09:10 ހާއިރެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"އެލްޖީއެން 101" ނަމަކަށް ކިޔާ ލޯންޗަށް މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ. އެގޮތުން ލޯންޗުގެ އެއްފަރާތް ވަރަށް ބޮޑަށް ހަލާކުވެ، އެތެރޭގެ ސީޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ހާދިސާ ހިނގި ސަރަހައްދުގައި މެރިން ޕޮލިހުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނައިރު، މިއީ ފަހަކަށް އައިސް ކަނޑުމަތީގައި ހިނގި މިފަދަ ނުރައްކާތެރި އެއް ހާދިސާއެވެ.



