މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
މި ފަހަރު އެމްއެމްއޭއިން ހުޅުވާލާފައިވަނީ މެލޭޝިއާގެ ތިން ޔުނިވަސިޓީއަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކެކެވެ. އެގޮތުން ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް އެކައުންޓިން ފުރިހަމަކުރުމުގެ ޖާގަ ވަނީ ހުޅުވާލާފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރ އޮފް ލޯސް އަދި މާސްޓަ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
މީގެ އިތުރުން، އިންސީފް ޔުނިވަސިޓީން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަޓޭޝަން އަދި ރިސާޗް ހެދުމާއި، އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނޭ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް ހަމަޖައްސައިދޭނީ އެމްއެމްއޭއިންނެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސް ވެސް ބޭންކުން ފޯރުކޮށްދޭނެއެވެ. އަދި ވިސާ ހޯދުމަށް ހިނގާނެ ހަރަދާއި ސިއްހީ އިންޝުއަރެންސްގެ ކަންކަން ވެސް މަރުކަޒީ ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ.
ބޮންޑުގެ މުއްދަތާއި ފޯމު ހުށަހެޅުން
މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަންދޭ މި ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރާ ދަރިވަރުން، ތައުލީމު ހާސިލުކޮށް ނިމުމަށްފަހު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
މި ސްކޯލާޝިޕަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ފޯމެއް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.



