ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އޭވިއޭޝަން (ވައިގެ ދަތުރުފަތުރު) ދާއިރާގެ އިސް މަންދޫބުންނާ އެކު ކަމާބެހޭ މިނިސްޓްރީން ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް ދެނެގަނެ، އެއްބަސްވުމުގައި އެކަންކަން ހިމެނުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމެވެ.
މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ދެވޭ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، އިންޑިއާގެ މާކެޓަށް ދިވެހި އޮޕަރޭޓަރުންނަށް ފަސޭހައިން ވަދެވޭނެ (މާކެޓް އެކްސެސް) މަގުތައް ތަނަވަސްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، އޮޕަރޭޝަނަލް ގޮތުން ދިމާވާ ގޮންޖެހުންތަކާއި، ދެ ގައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު ދާއިރާގެ މާހިރުން ވަނީ އެބޭފުޅުންގެ ޚިޔާލާއި ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، ކުރިއަށް އޮތް ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔަތްކޮށް، އޭވިއޭޝަން ދާއިރާއަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އަސްލު ބިންގާ އެޅުނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ފުރަތަމަ ރަސްމީ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ވަނީ ބާއްވާފައެވެ.



