މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފިއެވެ.
ޖޭއެސްސީން ވިދާޅުވި ގޮތުގައި އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމީ އޭނާއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މިގޮތަށް ފިޔަވަޅު އެޅީ މައްސަލައިގެ ބާވަތަށާއި ތަހުޤީގަށް ހޯދާފައިވާ މަޢުލޫމާތުތަކަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކޮމިޝަނުން ބަޔާންކުރެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، 60 ދުވަހުގެ މުއްދަތަށް އޭނާ މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ވަނީ ނިންމާފައެވެ. އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާއާ މެދު މިގޮތަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޖޭއެސްސީގެ 22 ވަނަ ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.



