އިންޑިއާއި ރާއްޖެއާއި ދެމެދު މިހާރު ކުރެވެމުންދާ ޒމަޝްވަރާތަކަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ގެންގުޅުއްވާ ދުރުވިސްނޭ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ތަންފީޒު ކުރުމާއި ގުޅޭގޮތުން މިހާރު ވަނީ ރަސްމީކޮށް މަޝްވަރާކުރަން ފަށާފައެވެ.
މި މުހިންމު މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް އެގައުމަށް ވަޑައިގެން ހުންނެވި، ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އެވެ. ދެ ބޭފުޅުންގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އާ ހަރުފަތަކަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށް މައުލޫމާތު ލިބެއެވެ.
Pleased to meet with India’s Minister of Commerce and Industry, @PiyushGoyal, during my official visit to India.
We held productive and constructive discussions on advancing the Maldives–India economic partnership, including the ongoing negotiations on the India–Maldives Free… pic.twitter.com/nxToHfXvOE— Mohamed Saeed (@em_saeed) July 8, 2026
އިގްތިސާދީ ތަރައްގީއާއި ވިޔަފާރީއާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި ދެ ވަޒީރުން އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން ދިނުމަށެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ވަރުގަދަކޮށް، ދެގައުމުގެ ލާބަޔާއި ފައިދާއަށްޓަކައި އިގްތިސާދީ އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުން ވެސް މިނިސްޓަރުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ހާއްސަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން ބިނާކުރަނިވި އަދި ދެފަރާތަށް ވެސް ފައިދާ ހުރި ގޮތަކަށް މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ މިނިސްޓަރުން ވެސް ވަނީ ވައުދުވެޑައިގެންފައެވެ. މިއީ ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި އިގްތިސާދަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ބައްދަލުވުމަށްފަހު ވަޒީރު މުހައްމަދު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި ބައްދަލުވުމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމާއި، ވިޔަފާރީގެ ދާއިރާއިން އަލަށް ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.



