ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ. ކުރިމަތިލާން ޖެހެނީ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މިދިޔަ އޭޕްރީލް މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަމްޖަދު މުސްތަފާގެ ކުރިން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ މަޤާމު ފުރުއްވީ އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އެކަމަނާ މަޤާމުން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް ވާންޖެހޭނެއެވެ. ތަޢުލީމީ ގޮތުން އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އެއިން ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
މީގެ އިތުރުން، ސިޔާސީ ގޮތުންނާއި ޖިނާއީ ގޮތުން މިނިވަން މީހަކަށް ވާންޖެހެއެވެ. އެގޮތުން ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކަށް ވެގެންނުވާނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ޕާޓީއެއްގެ ޙަރަކާތްތަކުގައި އުޅޭ މީހަކަށްވެސް ވެގެންނުވާނެއެވެ.
ޖިނާއީ ކުށްތަކަށް ބަލާއިރު، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަޚްލާޤީ ޢަމަލެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި، އެ ޙުކުމް ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކަށްވެސް ވެގެންނުވާނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30,000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27,235 ރުފިޔާ އަދި ފޯނު އެލަވެންސްގެ ގޮތުގައި 2,000 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.



