ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގެ ގާޒީ ކަމުގެ ތިން މަގާމަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުހީބެއް ލިބި، ޖުމްލަ 42 މީހަކު ކުރިމަތިލައިފިއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް މުސާރައިގެ ގޮތުގައި 37,700 ރުފިޔާ ލިބެއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި 22,300 ރުފިޔާ ލިބޭއިރު، މެޑިކަލް އިންޝުއަރެންސް ވެސް އެ ބޭފުޅުންނަށް ފޯރުކޮށްދެވޭނެއެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާންޖެހެއެވެ.
ސިވިލް ކޯޓުގައި މި ވަގުތު މައްސަލަތައް ބެއްލެވުމުގައި ޖުމްލަ 17 ގާޒީން އެބަތިއްބެވިއެވެ. ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި، ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޖޭއެސްސީން އޮތީ ހުޅުވާލައިފައެވެ.




