މިދިޔަ ހަފުތާގައި މާލެ ސަރަޙައްދުން ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 6 ލައްކައަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ. ފުލުހުން މި ތަފާސްހިސާބުތައް ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ހިންގި ތަޙުޤީޤުތަކުން ޖުމްލަ 611,416 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި ނަގުދު ފައިސާގެ އިތުރުން ވަގަށް ނަގާފައިވާ ތަކެއްޗަށްވާ އަގުވެސް ހިމެނެއެވެ.
މި ހޯދި ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން އެކަނިވެސް 233,881 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ފުލުހުން ޢާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 6,297 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 1,798 މައްސަލައެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓުތަކާ ގުޅޭ 1,589 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން މަސްތުވާތަކެތީގެ 1,151 މައްސަލަ ވެސް މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މުޖުތަމަޢުގައި ހިނގާ މިފަދަ ކުށްތަކާއި، ވައްކަމުގެ މައްސަލަތަކުގެ އިތުރުން މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، މިފަދަ ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި އެކި ކަހަލަ ތަފާތު ހަރަކާތްތައް ވެސް ދަނީ ސިލްސިލާގޮތެއްގައި ހިންގަމުންނެވެ.



