މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫމީދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މީދޫ މިނިވަން އުފާ 2026" ޕްރޮގްރާމް މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.
ޖުލައި 24 އިން 27 އަށް ތާވަލުކުރެވިފައިވާ މި ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން "މީދުވަން" ގެ ނަމުގައި ބާއްވާ ވަރަށް ޚާއްސަ ދުވުމުގެ ހަރަކާތަކާއި ފެތުމުގެ މުބާރާތެއް ކުރިއަށްދާނެއެވެ. މި ދުވުމުގެ މުބާރާތުގައި 1000 މީހުން ބައިވެރިކުރުވުމުގެ އަމާޒާއެކު މިހާރު ވަނީ ޚާއްސަ ކެމްޕެއިނެއް ވެސް ފަށާފައެވެ.
މީގެ އިތުރުން، މިނިވަން ދުވަހާ ދިމާކޮށް "މިނިވަން ބާޒާރު" އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރުގެ ފޯރިގަދަކުރުމުގެ ގޮތުން ބަށި މުބާރާތަކާއި، ވޮލީ ބޯޅަ މުބާރާތެއްގެ އިތުރުން ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތްތައް ވެސް ރަށުގައި ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް އިންތިޒާމުކުރަނީ އައްޑޫމީދޫ ކައުންސިލާއި، ރަށުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި އެކި މުއައްސަސާތައް ގުޅިގެންނެވެ. އައްޑޫސިޓީ އިން ވަކިވެ އައްޑޫމީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ކަނޑައެޅުނުފަހުން، އެ ރަށުގައި ޤައުމީ މުނާސަބަތުތައް އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން މިދިޔަ އަޟްހާ އީދާ ދިމާކޮށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
މީދޫއަކީ އައްޑޫގައި ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށް ވުމާއެކު، މިފަދަ ކުލަގަދަ ހަރަކާތްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.
"މިއީ ފަހުގެ ތާރީޚެއްގައި މީދޫގައި މިނިވަންދުވަހުގެ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރެވޭ ފުރަތަމަ ފަހަރަށް ވެގެންދާނެ." އަޙްމަދު ޝާޠިރު (އައްޑޫމީދޫ ކައުންސިލްގެ ރައީސް)



