މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި އޮޑިދޯނިފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމްކޮށް، އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މީގެކުރިން ބޮޑުތަކުރުފާނު މަގާވީ ފަރާތުން އޮންނަ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އޭރު މި ޚިދުމަތް ދެމުންދިޔައީ ހަމައެކަނި "ބީ ޒޯން" އާއި "ސީ ޒޯން" އިންނެވެ.
ނަމަވެސް އަލަށް ޤާއިމްކުރި ނިޒާމުގެ ދަށުން "އޭ ޒޯން" އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި އެ ސަރަޙައްދުގައި ފެން ދޫކުރުމަށް ޚާއްސަ 16 ޕޮއިންޓް ވަނީ ޤާއިމްކޮށްފައެވެ.
މި ޚިދުމަތްތައް ގާއިމްކޮށްފައިވަނީ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުންނެވެ.
މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. އަދި ނޯތު ހާބަރު ސަރަހައްދުގެ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގުގެ ފުޅާމިނަށް 6 މީޓަރުގެ ސަރަޙައްދެއް ވަނީ އިތުރުކޮށްފައެވެ. މި ބަދަލުތަކުގެ ސަބަބުން މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށާއި އާންމު ދަތުރުވެރިންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.




