ރާއްޖެއަށް ބާރުގަދަ ބިންހެލުމެއް އަންނާނެކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ އިންޒާރުގެ މެސެޖުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ވަކި ސަރަޙައްދެއް ދުރާލައި ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް އުސޫލެއް ނެތެވެ.
ނަމަވެސް، ދިގު މުއްދަތަކަށް ބަލައި ބިންހެލުންތައް އައުން ގާތް ސަރަޙައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖުގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށާއި، އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
"ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް. ރާއްޖެއަށް އަސަރުކުރާ ފަދަ ކަމެއް ދިމާވެއްޖެނަމަ އެ މަޢުލޫމާތު ލަސްނުކޮށް އާއްމުންނަށް ހިއްސާކުރަމުންދާނަން." - މޫސުމާ ބެހޭ ޤައުމީ އިދާރާ
މެޓް އޮފީހުން ބުނީ އެ އިދާރާއިން އަބަދުވެސް ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، އެ މަޢުލޫމާތު ލަސްނުކޮށް އާއްމުންނަށް ހިއްސާކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.



