އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޔަގީންކޮށްދީފައިވީ ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި މި ބޭންކު އުފެއްދީ މެއި 2024 ގައެވެ. ބޭންކިންގެ މަސައްކަތް ކުރުމުގެ ލައިސަންސް އެ އަހަރުގެ އޮކްޓޯބަރު 24 ގައި ދޫކޮށް، ރަސްމީކޮށް ބޭންކު ހުޅުވީ ނޮވެމްބަރު މަހުއެވެ.
މި ބޭންކު އުފެއްދި ފަހުން ދެ އަހަރު ވެގެންދިޔައިރުވެސް ބޭންކުގެ އޮޕަރޭޝަނަލް ބޮޑެތި މަސައްކަތްތަކެއް ފެށިފައެއް ނުވެއެވެ. ނަމަވެސް، ބޭންކުގެ ވިޔަފާރި ރަސްމީކޮށް ފެށުމުގެ ހުއްދަ އެމްއެމްއޭއިން ދީފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ޑީބީއެމްގެ ޗެއާޕާސަން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، މުސާރަ ނުލިބޭ ކަމަށް ބުނެ އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބާތިލްކޮށްފައެވެ.
އެމްއާރު ޕެޓާސަން-ޖޯންސްގެ މުސާރައާ ގުޅޭގޮތުން ޑީބީއެމްއިން ބުނެފައިވަނީ އޭނާއަށް ލިބެންޖެހޭ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށެވެ. އިސްތިއުފާ ދެއްވި އަރޫނީއަކީ ފައިނޭންޝަލް ސާވިސްގެ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.




