ކުރީގެ ރައީސުން މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށާއި، އަމިއްލަ ސަލާމަތަށް ބެލެން ހުރި މިންވަރަކުން ބައްލަވާނެ ކަމަށެވެ. ބިރެއް ދައްކައިގެން މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އެމަނިކުފާނު މަގުމައްޗަށް ނުކުންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަލާމަތްތެރިކަން ހޯދެން އޮތް މިންވަރަކަށް އަމިއްލައަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަނީ އެމްއެންޑީއެފް އިންނެވެ. ނަމަވެސް، މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އިންނެވެ.
"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އެއީ އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ގޮތެއް ނޫން. އަޅުގަނޑު ނުކުންނާނަން." - ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ވެރިންނަށް ގިނަ ފަހަރު ހަމަލާދީފައި ހުންނަނީ ސިޔާސީ އެއްވުންތަކުގައި ކަމަށްވުމުން، އެފަދަ ވަގުތެއްގައި ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. މިއީ ހަމައެކަނި އެމަނިކުފާނު އަވަހާރަކޮށްލުން ފަދަ ކަމަކަށް އޮތް ބިރެއް ނޫން ކަމަށާއި، އޭގެ ސަބަބުން ބައިވަރު އެހެން މީހުންނަށްވެސް ގެއްލުން ލިބިދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ސަމާސާއަކަށް ނުވަތަ ސިޔާސީ ވިސްނުމެއްގައި ކުރާ ކަހަލަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.



